ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި ބަނގުރާގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުންނެވެ. އެއީ 20 އަހަރު، 21 އަހަރު، 27 އަހަރު، އަދި 30 އަހަރުގެ މީހެކެވެ.

އެ މީހުން ހައްޔަރުކޮށް، އެމްއެމްއޭ ކުރިމަތީ އޮތް ޕިކަޕަކާއި އެ ދިމާ ފަޅުތެރޭގައި އޮތް ލޯންޗެއް ބަލައި ފާސްކުރިއިރު 441 ދަޅު ބިޔަރު އަދި 12 ފުޅި ބަނގުރާ ފެނިފައިވެއެވެ.

ޑްރަގް އެންފޯސްމަންޓުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.