ވެރިކަން ލިބިވަޑައިގެންފިނަމަ ގެންގުޅުއްވާނީ ކުރީގެ ރައީސް އިބްރާހީމް ނާސިރުއާއި މައުމޫން އަބްދުލްގައްޔޫމް ގެންގުޅުއްވި ހާރިޖީ ސިޔާސަތު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމު ވިދާޅުވެއްޖެއެވެ.
ގާސިމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް ހައްދަވާނީ ކުރީގެ ރައީސް ނާސިރު އަދި މައުމޫން ގެންގުޅުއްވި ސިޔާސަތު ކަމަށެވެ.
ވެރިކަން ލިބިވަޑައިގެންފިނަމަ ގެންގުޅުއްވާނެ ހާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ގާސިމު ވާހަކަ ދައްކަވާފައިވާއިރު، މި ސަރުކާރުން އިންޑިއާއަށް މާބޮޑަށް ބަރޯސާވަމުންދާ ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައެވެ. އަދި ރައީީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއެކުގައި ކޯލިޝަން ހެދުމަށް ވެސް، ޖޭޕީން ވަނީ ނިންމާފައެވެ.