”އިންޑިއާ އައުޓް“ ކެމްޕެއިންގެ ދަށުން، އެ ކެމްޕެއިންގެ ބައިވެރިން ބޭނުންކުރި ބެނާތަކުގެ ތެރެއިން ފުލުހުން އަތުލި ބެނާތައް ނައްތާލާފައިވާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތުހުމަތު ކޮށްފިއެވެ.
ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަަމަށް ތުހުމަތުކޮށް، ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި ”އިންޑިއާ އައުޓް“ ބެނާ ނެގުމަށް ކްރިިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކުރުމުން، ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން، ފުލުހުން ގެންދިޔަ ބެނާތައް ނެގުމަށް ފުލުހުންގެ މައި މަރުކަޒަށް މިއަދު ވަނީ ވަޑައިގެންފައެވެ.
އެއަށްފަހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ފުލުހުން އަތުލި ބެނާތައް ހަވާލު ނުކުރާ ކަމަށާއި، އެތަކެތި ނައްތާލާފައިވާ ކަަމަށް ބެލެވޭ ކަމަށެވެ.
ބެނާ ނަގަން ނެރުނު އަމުރު ހައިކޯޓުން ބާތިލު ކުރިނަމަވެސް، ވަގުތުން ބެނާތައް ހަވާލު ނުކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މިކަމުގައި ތިން ދުވަސް ތެރޭގައި ޖަވާބެއް އަރުވާނެ ކަަމަށް ފުލުހުން ބުނި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ ބެނާތަކަކީ އިދިކޮޅު ކޯލިޝަނުގެ ވަރުގަދަ އެސެޓްތަކެއް ކަމަށާއި، ކޮންމެ ބެނާއެއް ހެދުމަށްވެސް އެތައްހާސް ރުފިޔާއެއް ހަރަދުކޮށްފައިވާނެ ކަމަށެވެ.
އެގޮތުން ކޮންމެ ބެނާއަކަށް ގާތްގަނޑަކަށް 75،000 ރުފިޔާ ހަރަދުވިއިރު، އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި ބެނާ ހެދުމަށް ގާތްގަނޑަކަށް ދޮޅު ލައްކަ ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
”އެބޭފުޅުން ވިދާޅުވީ ތިން ދުވަހެއްގެ ތެރޭގައި ޖަވާބެއް އަރުވާނަމޭ. އަޅުގަނޑު ދެކެނީ އެ ނައްތާނުލާނަމަ، މިއަދު ހަވާލު ކުރާނެ ކަމަށް“
އަބްުދުއްރަހީމް އިތުރަށް ވިދާޅުވީ ”އިންޑިއާ އައުޓް“ ހަރަކާތް ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.
