މާލެ ސިޓީ ކައުންސިލުން މާލޭގެ ބޮޑުތަކުރުފާނުމަގު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ބޮޑުތަކުރުފާނު މަގުގެ މަރާމާތުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގެނެސް، އަމަލީ މަސައްކަތް ފަށާފައިވަނީ 21 އޭޕްރީލް ވީ ހުކުރު ދުވަހުއެވެ.

މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުގެ އެކި ހިސާބުތަކުގައި ހެވީ ވެހިކަލްތައް ދުއްވުމުގެ ސަބަބުން ހެދިފައިވާ ވަޅުގަނޑުތަކާއި އަޑިގުޑަންތައް މަރާމާތު ނުކުރެވި ހަތަރު އަހަރު ވެފައިވާއިރު ވެހިކަލްތައް ދުއްވުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ އާއްމުން ދަނީ ކުރަމުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެހެންކަމުން ކައުންސިލުން ބޮޑުތަކުރުފާނު މަގުގެ މަރާމާތު މަސައްކަތް މިހާރުވަނީ ފަށާފައިކަމަށާއި މި މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނުމަގާއި، ޢިއްޒުއްދީން މަގުގެ ތާރު އެޅި ބައިގައި ހިމެނޭ 32 ތަނެއްގެ މަރާމާތު މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައިވާކަމަށް އެކައުންސިލުން ބުނެއެވެ.

މި މަސައްކަތާއިގުޅިގެން މާލެސިޓީ ކައުންސިލްގެ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު މަބްރޫކް ވިދާޅުވީ މަގުތަކުގައި ތާރުއެޅޭނެ ވަސީލަތް ކައުންސިލްގައި ނެތުމާއިއެކު މި މަސައްކަތް އިއުލާނުކުރެވި ހަވާލުކުރެވިފައިވަނީ ޗައިނާގެ ހުނާން އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑާއި ކަމަށެވެ.

ތާރު އެޅުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރި ސަބަބާއި ގުޅޭގޮތުން މަބްރޫކް ވިދާޅުވީ އެއީ އެމަސައްކަތް މީގެ ކުރިންވެސް ކޮށްފައިވާ ކުންފުންޏެއް ކަމަށާއި މިފަދަ މަސައްކަތުގެ ތަޖުރިބާވެސް ހުރި ކުންފުންޏެއްކަމަށްވާތީ ކަމަށެވެ. އަދި މަގު މަރާމާތުކޮށް ނިމޭއިރު ކޮލިޓީ ރަނގަޅުވުމާއިއެކު ދާއިމީ ހައްލެއް ލިބި ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ބޮޑުތަކުރުފާނުމަގު މަރާމާތުކުރުމުގެ މަސައްކަތާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި މޭޔަރ ޑރ. މުޢިއްޒު ވިދާޅުވީ ބޮޑުތަކުރުފާނު މަގާއި، ޢިއްޒުއްދީން މަގުގެ ތާރު އެޅިބައި މަރާމާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާކަމަށެވެ. އަދި މި މަސައްކަތް 10 ވަރަކަށް ދުވަސް ތެރޭގައި ނިންމޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.