މިދިޔަ މާޗު މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމު ކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެ މިނިސްޓްރީ އަށް ހުށަހެޅި 206 މައްސަލައިގެ ތެރެއިން 98 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުގެ މައްސަލަ އެވެ. އެގޮތުން މިބާވަތުގެ 29 މައްސަލައެއް ވަނީ ފެބްރުއަރީ ގައި ޖެންޑާ އަށް ހުށަހަޅައިފައެވެ.

އަދި ޖިސްމާނީ ހާނިއްކައިގެ 28 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގާނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ (ބްލެކްމެއި ކުރުން) 1 މައްސަލަ އަދި ހިމެނެއެވެ.

މީގެއިތުރުން ޢާއިލީ މައްސަލަތަކުގެ 18 މައްސަލައަކާއި، ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 16 މައްސަލައަކާއި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ހަތަރު މައްސަލައެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 25 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.

މިދިޔަ މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 186އެވެ.