ރާއްޖޭގެ ދެކުނުން އިގްތިސާދީ ސަރަހައްދު ކަނޑައެޅުމާއި ގުޅިގެން، ރާއްޖޭގެ ދެކުނުގެ ބޯޑަރު ކޯސްޓްގަޑުން ބަލަހައްޓަމުން ގެންދާނެކަމަށާއި، މިއީ ރާއްޖެއަށް ލިބިގެން ދިޔަ ކާމިޔާބީއެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލާގައި، ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް، ރާއްޖެއަށް ކާމިޔާބުވުމާއިގުޅިގެން، ބޭއްވެވި ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖެއާއި، މޮރީޝަސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމާއި ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން) އިން ނިންމި ނިންމުމާއި އެއްގޮތަށް ރާއްޖޭގެ ދެކުނުގެ އިޤްތިޞާދީ ސަރަހައްދު ކަނޑައެޅިއްޖެކަމަށެވެ. މިކަމާ ގުޅިގެން އަމަލުކުރާނެ ގޮތްތަކަށް ކެބިނެޓުގައި މަޝްވަރާކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ދެކުނުން، އިން ކަނޑައެޅިގެން ދިއުމުން، ރާއްޖޭގެ އުތުރުގައި ކޯސްޓްގާޑުން ބޯޑަރު ބަލަހައްޓަމުން ގެންދާހެން، ދެކުނުގައިވެސް އެކަން ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން އިން ކަނޑަނޭޅުމުގެ ސަބަބުން ބޭރުގެ މަސްވެރިން ރާއްޖޭގެ ސަރަޙައްދުން ނަފާ ހޯދަމުން ދިޔަކަމަށާއި، ނަމަވެސް ރާއްޖޭގެ އިން ކަނޑައެޅުމުގެ ސަބަބުން އެކަން ހުއްޓުވާނެކަމަށެވެ.

އަދި އެކަމުން ރާއްޖޭގެ މަސްވެރިންނަށްވެސް ފައިދާވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.