ރާއްޖެއާއި މޮރިޝަސްގެ އިމުގެ މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމުގެ ސަބަބުން ރާއްޖެއަށް ކާމިޔާބީއެއް ލިބިފައިވާކަމަށް ދެކިވަޑައިނުގަންނަވާކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Ads by Asuru

އަލީ ހުސެއިން މިހެން ވިދާޅުވީ، ޗާގޯޯސް މައްސަލައިގައި އިޓްލޮސްއިން ގޮތް ނިންމުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މި މައްސަލަ ސަރުކާރުން ބޭނުންވި ގޮތަށް ނިމުމުން، ރާއްޖެއަށް 47،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާކަމަށް ފާހަގަކޮށް ސަރުކާރުން ކާމިޔާބީ ފާހަގަކުރަމުންދާއިރު، މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ އަލީ ހުސައިންވަނީ ރާއްޖެއަށް ކާމިޔާބީއެއް ލިބިފައިވާކަމަށް ނުބެލެވޭކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން ބައެއް ގެއްލިގެން ގޮސްފައިވާކަމަށެވެ. އެހެންކަމުން އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖެއަށް މޮޅުތަކެއް ލިބިފައިނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް ލިބެން އޮތް ސަރަހައްދުން ބައެއް ގެއްލުމަކީ ކާމިޔާބީއެއް ނޫންކަމަށެވެ.

އޭނާ  އިތުރަށް ވިދާޅުވީ، މައްސަލަ ނިމިގެންދިޔައީ ޒަމާނުއްސުރެ ދިވެހި މަސްވެރިން އެ މަސައްކަތްތައް ކުރުމަށްޓަކައި ނުކުމެ އުޅުނު ސަރަހައްދަކަށް މާދަމާ ނުނުކުމެވޭ ގޮތަށް ކަމަށެވެ.

އެހެންކަމުން މިހާރު ކަން ވެފައިވާ ގޮތް އެއީ ކާމިޔާބީއެއްކަމަށް ބުނެ ސަރުކާރުން އުފާކުރަމުންދިއުމަކީ ހިތާމަވެރި ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”މިއަދާއި ހަމައަށް ދިވެހި މަސްވެރިން މަސްވެރިކަން ކުރުމަށް ނިކުމެ އުޅެވޭ ސަރަޙައްދަކަށް މާދަމާ ނުނިކުމެވޭ ގޮތަށް މައްސަލަ ނިމުމުން އެއީ ކާމިޔާބީއެއް ކަމަށްބުނެ ބައެއް މީހުން އުފާކުރުމަކީ ހިތާމަހުރި ކަމެއް.“

ރާއްޖެއާއި ޗާގޯސްއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، އިގްތިސާދީ ހާއްސަ ސަރަޙައްދު (އީއީޒެޑް) ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ނިމިފައިނުވާތީ، އެ ސަރަހައްދުގެ އިން އެއްވެސް އިރެއްގައި ކަނޑައަޅާފައެއް ނުވެއެވެ.

އިޓްލޮސްއިން  އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

ހުކުމާއެކު ރާއްޖޭގެ ކަނޑުން 50،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދިވެހިންނަށް މިވަނީ ގެއްލިފައެވެ.

އިޓްލޮސްގެ ނިންމުމާއެކު، ސަރުކާރާ ދެކޮޅު ގިނަ ބަޔަކު ދަނީ، ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކުރަމުންނެވެ.