ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ނިންމި ނިންމުމަށް އަމަލު ކުރުމަކީ، ގާނޫނީ ގޮތުން ރާއްޖެއަށް ލާޒިމު ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Asuru

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޓްލޮސްގެ ނިންމުމަކީ އދގެ ކަނޑުގެ ގާނޫނުތަކުގެ މުއަހަދާ ޔޫއެންސީއެލްއޯސްގެ ދަށުން ގާއިމްކޮށްފައިވާ ތަނަކުން ނިންމާފައިވާ ނިންމުމެއްކަމަށެވެ.

ރާއްޖެއިން ޔޫއެންސީއެލްއޯސް މުއާހަދާގައި ބައިވެރިވެފައިވީނަމަވެސް، އިޓްލޮސްގެ ނިންމުމަށް އަމަލުކުރުން ލާޒިމްވާފަދަ އެއްވެސް ގާނޫނެއް ރާއްޖޭގައި ނެތްކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ، އެފަދަ ކަމަކަށް އަމަލުކުރުން ލާޒިމްވަނީ މަޖިލީހުން ފާސްކޮށްގެން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އިޓްލޮސްގައި ރާއްޖެއިން ގެންގުޅުނު ސްޓޭންޑަކީވެސް ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފަށް ނަގާފައިވާ ސްޓޭންޑެއްކަމަށެވެ.

ރާއްޖެއާއި ޗާގޯސް އާކިޕަގޯއާއި ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، އިގްތިސާދީ ހާއްސަ ސަރަޙައްދު (އީއީޒެޑް) ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ނިމިފައިނުވާތީ، އެ ސަރަހައްދުގެ އިން އެއްވެސް އިރެއްގައި ކަނޑައަޅާފައެއް ނުވެއެވެ.

އިޓްލޮސްއިން އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

ހުކުމާއެކު ރާއްޖޭގެ ކަނޑުން 45,000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ގެއްލިފައެވެ.

މި މައްސަލައިގައި ސަރުކާރާ ދެކޮޅު ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ.