ރައީީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އައިސްޕްލާންޓް ގާއިމްކުރުމަށް ވެފައިވާ ވައުދުތައް ފުރިހަމަވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

Ads by Asuru

ފިޝަރީޒް މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ، ފަސް ރަށެއްގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ 25 ޓަނުގެ އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތް ފެނަކައާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ގަދައަޅައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާރުވެސް ވެފައިވާ ވައުދުގެ ދަށުން ބައެއް ރަށްރަށުގައި އައިސްޕްލާންޓް ގާއިމްކޮށް ނިމި އަދި ބައެއް ރަށްރަށުގައި އައިސްޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމުގައި ވިދާޅުވިއެވެ.

އައިސް ޕްލާންޓު ހެދުމަށް ފެނަކަ އާ ހަވާލު ކުރި ރަށްތަކަކީ ހއ. ދިއްދޫ، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫއެވެ.

މިއިން ކޮންމެ ރަށެއްގައި 25 ޓަނުގެ އައިސްޕްލާންޓް ހަދާނެ ކަމަށް ފެނަކައިން ބުނެއެވެ.

މިއީ ސައުދީ ފަނޑުގެ އެހީގެ ދަށުން ގާއިމް ކުރާ އައިސްޕަލާންޓްތަކެކެވެ.