”ވިލިނގިލީ އިޖުތިމާއީ ހިދުމަތްދޭ މަރުކަޒު“ ގެ ނަމުގައި މަރުކަޒެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވައިފިއެވެ.

Ads by Asuru

ރައީސް މި މަރުކަޒު އުފެއްދެވީ މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަސައްކަތްތަކަށް، ގެންނެވި ބަދަލުތަކުގެ ތެރެއިންނެވެ.

ރައީސް އޮފީހުން ބުނީ، ވިލިނގިލީ އިޖުތިމާއީ ހިދުމަތްދޭ މަރުކަޒުގެ މައިގަނޑު މަސައްކަތްތަކަކީ، މާލެ ސަރަހައްދުން ވަގުތީގޮތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށް ދިނުމާއި، ވިލިނގިލީގައި ދިރިއުޅޭ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުމާއި، އާންމުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ހިންގުން ކަމަށެވެ.

ރައީސް އޮފީހުން ބުނީ، ”އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް“ ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓަށް މިއަދުން ފެށިގެން އިތުރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރީ، މުޖުތަމައުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހި ކޮށްދިނުމަށާއި، އިސްރަށްވެހިންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، އިސްރަށްވެހިން ރަނގަޅު ސިއްހަތެއްގައި ދެމިތިބުމަށް ޕުރޮގުރާމުތައް ރާވައި ހިންގުމަށާއި، އިސްރަށްވެހިން ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމަށް މަރުކަޒުތައް ގާއިމުކުރުމަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، ޖެންޑާ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ”ކުޑަކުދިންގެ ހިޔާ“ އާއި ”އަމާން ހިޔާ“ އާއި ”ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު“ އިން ކުރަމުން ދިޔަ މަސައްކަތްތައް ކުރުމަށް އެހެނިހެން އިންތިޒާމުތައް ހަމަޖައްސަވައިފައިވާތީ، އެ ތަންތަން މިއަދުން ފެށިގެން އުވާލާފައިވާ ކަމަށެވެ.