އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އަތްޕުޅު ކެނޑުމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ގޮވާލި ގޮވާލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަން ތަހުގީގުކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

Ads by Asuru
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ޝިފާއު ވިދާޅުވީ ރައީސް ޔާމީންގެ އަތްޕުޅު ކެނޑުމަށްފަހު އިތުރު 100 އަހަރަށް ޖަލަށްލާންޖެހޭ ކަމަށެވެ.

އެކަން ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން ރޭ ވަނީ ބަޔާނެއް ެނެރެފައެވެ. އެ ބަޔާނުގައި ބުނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް ޔާމީން އަތް ބުރިކުރުމަށް ގޮވައިލެއްވި ގޮވާލެއްވުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ އަމަލަކަށްވާއިރު، މިމައްސަލަ ލަސްކުރުމެއް ނެތި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގޮވާލާ ކަމަށެވެ.

ޝިފާއުއަކީ މި ސަރުކާރު ދިފާއުކޮށް އެންމެ އަޑުގަދަކޮށް ވަކާލާތުކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކަށްވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި މި ސަރުކާރަށް ތާއީދު ކުރާ މަޖިލީހުގެ މެންބަރުންގެ އިތުރުން ރައީސް ސޯލިހުގެ ކެބިނެޓްގެ ބައެއް ވަޒީރުން ވެސް އެމަނިކުފާނަށް އަނިޔާކޮށް ނިޒާމުން ގެއްލުވައިލަން މަސައްކަތްކުރާކަން ފާހަގަވަމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން މެއި މަހުގެ އެއްވަނަ ދުވަހު ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޒާތީ ޓްވީޓެއްގައި އެމަނިކުފާނަށް އަނިޔާވެރިވާނޭކަމަށް ވަނީ ވިދާޅުވެފައިވާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އަދި ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަގުތުން ވަގުތަށް އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ބަޔާނުގައި ވަނީ ގޮވާލައްވާފައެވެ.