އިންޑިއާ ސަރުކާރުގެ ލޯނު އެހީގައި ލ.ގަމުގައި އަޅަން ހަމަޖެހިފައިވާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް ރައީީސް އޮފީހުން ބުނެފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ކެންސަރު ހޮސްޕިޓަލުގެ މަޝްރޫއުއަށް ހުއްޓުމެއް ނާންނަ ކަމަށާއި، އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ވިދާޅުވީ، މިހާރު ބޮޑަށް ކުރިއަށްދަނީ ޕޭޕަރވޯކް ކަމުގައެވެ.
ކެންސަރު ހޮސްިޓަލުގެ މަސައްކަތް ލަސްވާތީ، ލ.ގަމު ކައުންސިލުގެ މެމްބަރުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު، މުލިއާ ގޭގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، 2022 ވަނަ އަހަރުގައި ހޮސްޕިޓަލުގެ މަސައްކަތް ފެށޭނެ ކަމަށެވެ. ނަމަވެސް އެ އަހަރު ނިމުނުއިރުވެސް މަސައްކަތް ނުފެށެއެވެ.