އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތިން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

Ads by Asuru

“ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނުނު”ގެ ދަށުން، ”އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް“ގެ ނަމުގައި މަޖިލީހެއް އުފައްދަވާފައިވަނީ 25 އޭޕްރިލް 2016 ގައެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިސްލާމީ ފަތުވާދޭ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ރައީސް  އައްޔަންކުރައްވާ ތިން މެމްބަރުންނާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސް ސޯލިހު އައްޔަންކުރައްވާ މެންބަރަކާއި ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަންކުރައްވަން ޖެހިވަޑައިގަންނަވާ މެންބަރެވެ.

ނަމަވެސް ބައެއް މެމްބަރުންގެ ދައުރު ހަމަވުމާ ގުޅިގެން ވޭތުވެދިޔަ 2 އަހަރު، މި މަޖިލީހުގެ 4 މެމްބަރެއްގެ މަގާމު އޮތީ ހުސްވެފައެވެ.

އަދި އެ މަޖިލީހުގައި މިހާތަނަށް އިންނެވީ އެންމެ މެންބަރެކެވެ. ރައީސް ޢައްޔަންކުރައްވާ ތިން މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އެ މަޖިލީޙުގެ ރައީސްގެ ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމެވެ.

ރައީސް އޮފީޙުން ބުނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ހުސްވެފައިވާ 4 މަޤާމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވަންޖެހޭ 3 ބޭފުޅުން ޢައްޔަންކުރައްވާފައިވާ ކަމަށެވެ.

ފަތުވާ މަޖިލީހަށް އަލަށް ޢައްޔަންކުރެއްވި 3 ބޭފުޅުންނަކީ، ޑރ.އަބްދުސައްތާރް ޢަބްދުއްރަޙްމާނާއި ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި އައްޝައިޚް އިލްޔާސް ޙުސައިނެވެ.