ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި އިދިކޮޅު ޕީޕީއެމް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

Ads by Asuru

އެ ބައްދަލުވުމުގައި ޗާގޯސް މައްސަލައިގައި ހިޔާލު ބަދަލުކޮށްލެވުނު ކަމަށް އުމަރު ވިދާޅުވިއެވެ.

ޕީޕީއެމުން ރޭ އުމަރާއި ބައްދަލުކުރިއިރު، އެ ޕާޓީން ވަނީ ޖުމްހޫރީ ޕާޓީ(ޖޭޕީ) އަދި އިދިކޮޅު އެމްއެންޕީއާއި އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނާއެކު ވެސް އިމުގެ މައްސަލައިގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ މި މައްސަލައިގައި ދެން ކުރިއަށް ދާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.

ރާއްޖެއާއި ޗާގޯސް އާކިޕަގޯއާއި ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، އިގްތިސާދީ ހާއްސަ ސަރަޙައްދު (އީއީޒެޑް) ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ނިމިފައިނުވާތީ، އެ ސަރަހައްދުގެ އިން އެއްވެސް އިރެއްގައި ކަނޑައަޅާފައެއް ނުވެއެވެ.

އިޓްލޮސްއިން މިއަދު މެންދުރު ފަހު އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

ހުކުމާއެކު ރާއްޖޭގެ ކަނޑުން 50،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދިވެހިންނަށް މިވަނީ ގެއްލިފައެވެ.

އިޓްލޮސްގެ ނިންމުމާއެކު، ސަރުކާރާ ދެކޮޅު ގިނަ ބަޔަކު ދަނީ، ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކުރަމުންނެވެ.