ޒަމާންތަކަށްފަހު މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އާސަހަރާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހަތަރުވަނަ ދައުރުގެ ކައުންސިލުން ނިންމީ ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަށް ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އާސަހަރާ މަރާމާތުކުރުުގެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 99 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މި ޖަލްސާގައި މަރާމާތު ކުރަން ނިންމާފައިވަނީ އާސަރާގެ އަންހެނުން ނަމާދު ކުރާ ސަރަޙައްދު ބޮޑު ކުރުމަށާއި އަދި ސަރަހާއަށް ގޮސްތިބޭ މީހުން މަޑުކޮށްލާނެ ”ވެއިޓިންގ އޭރިއާ“ އެއް ޤާއިމު ކުރުމަށެވެ.

މިކަން ކުރުމަށް ކުރަންޖޭހޭ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި މަސައްކަތްތަކާއި ގުޅޭ ތަފްޞީލް މާލެސިޓީގެ މޭޔަރ ޑރ މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

ބުރާސްފަތި ދުވަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ މޭޔަރ ވިދާޅުވީ އާސަހަރާ ބަލަހައްޓާ ފަރާތަކީ ކައުންސިލުންކަމަށް ވާއިރު، ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ސަމާލުކަންދީ ސަހަރާ ރަނގަޅަށް އަޕްގްރޭޑް ކުރެވިގެން ދާންޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ސަހަރާ ތަރައްޤީ ކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައިވަނީ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެން ބޭފުޅުންނަށް ޙާއްޞަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ހިތާމަވެރިި ވަގުތުގައި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާ އަކާއި އެކުގައިކަމަށް މޭޔަރު ތަފްޞީލް ކޮށްދެއްވިއެވެ.

މޭޔަރ ވިދާޅުވީ އެތައް ޒަމާންތަކެއް ވަންދެން ކައުންސިލް ހިނގަމުން އައިނަމަވެސް އާސަހަރާއޮތީ އަޅާނުލާ ދޫކޮށްލެވިފައި ކަމަށާއި، އެތަން މަރާމާތުނުކޮށް ހުރުމުގެ ސަބަބުން އެތައް އާއިލާތަކަށް ލިބޭ އެންމެ ހިތްދަތި އަދި ހިތާމަވެރި ވަގުތުގައި އުޅެންޖެހިފައިވަނީ ދަތި ޙާލުގައިކަމަށެވެ.

”އާއިލާއަށް ލިބޭ އެންމެ ހިތްދަތި އަދި ހިތާމަވެރި ވަގުތުގައި އުޅެން މިޖެހެނީ ހާލުގަ. މަޑުކޮށްލައިގެން މިތިބެންޖެހެނީ އެތާގެ ގާފޮޅު މަތީގަ ނުވަތަ ފާރުގަ ލެގިލައިގެން. ހިތްހަމަޖެހޭ ގޮތަކަށް އެތާގަ ނުތިބެވޭ. އެގޮތުން މަޑުކޮށްލައިގެން ތިބެވޭ ގޮތަށް، އޭސީ ކުރެވިފައިވާ ބޮޑު ވެއިޓިން ލައުންޖަކާ ޕްރައިވެޓް ރޫމްގޮތަށް ކުޑަ ދެތިން ވެއިޓިން ރޫމް ހަދަން ވަނީ ނިންމާފަ“

އާސަހަރާގެ މަރާމާތާއި ގުޅިގެން މޭޔަރ އިތުރަށް ވިދާޅުވީ މިކަން ކުރަނީ މިހާރު ހުރި އިމާރާތުގެ މައްޗަށް ބައެއް އިތުރުކޮށްގެން ކަމަށާއި، މީހުން ވަޅުލާފަވާ ސަރަޙައްދު ކޮނުންފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

އަދި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެށޭ ހަފްތާގައި ޢިއުލާނު ކުރާނެ ކަމުގެ ޔަޤީންކަން މޭޔަރ ވަނީ ދެއްވާފައެވެ.

އާސަހަރާ މަރާމާތު ކުރުމަށް ނިންމާފައިވާއިރު، މާލެ ސިޓީ ކައުންސިލާއި ނަސޭހަތް ޖަމިއްޔާ ގުޅިގެން މާލެ ސިޓީގައި ކުރިއަށް ގެންދާ ރިވެތި އިރުޝާދު ދޭ ބޯޑު ހަރުކުރުމުގެ މަސައްކަތުގެ ދަށުން އާސަހަރާގައި ވަނީ ބޯޑުވެސް ހަރުކޮށްފައެވެ.