ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލް ކަމަށްވާ ”ފަރުމާ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލް“ ރަސްމީކޮށް ފަށައިފިއެވެ.

Ads by Asuru

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މި ފެސްޓިވަލް ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި، ފެސްޓިވަލް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ރައީސް ވަނީ މި ފެސްޓިވަލް ފައްޓަވައިދެއްވައި ވާހަކަފުޅުވެސް ދައްކަވާފައެވެ.

މިގޮތުން މިފެސްޓިވަލުގައިވެސް ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވާކަމީ، މީހުން ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށް ވިދާޅުވިއެެވެ.

އަދި މިފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީވެސް، ގައުމީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަމުގައި ރައީސް ވިދާޅުވިއެވެ.

ފެސްޓިވަލް ފަށާފައިވަނީ އަށް ގައުމަކުން 80 އަށްވުރެ ގިނަ ފަންނުވެރިންނާއެކުއެވެ.

މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ. މިފެސްޓީވަލް ކުރިޔަށްދާނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ސޯޝަލްސެންޓަރުގައެވެ.