ސްޓޫޑެންޓް ލޯނަށް ސަރުކާރުން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް ހަވާލުކުރުމަށް، ރޭ ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު 2019 ވަނަ އަހަރުން ފެށިގެން މިހައިތަނަށް ހަ ފަހަރު ހުޅުވާލެވުނު ކަމަށެވެ.

އެ ފުރުސަތުތަކުގައި ކުރިމަތިލި 1،986 ދަރިވަރަކަށް ލޯނުގެ އެހީ ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ސްޓޫޑެންޓް ލޯނު ސްކީމަށް އަޅުގަނޑުމެން ގެނައި ބަދަލުތަކުގެ ދަށުން، ލޯނު އެހީގެ ގޮތުގައި މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވިއްޖެ،“ ރައީސް ވިދާޅުވިއެވެ.

ލޯނުގެ އެހީ ދެވުނު 1،986 ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ކިޔެވުން މިހާރު ނިމިފައިވާއިރު ލޯނުގެ އެހީގައި މިހާރުވެސް 831 ދަރިވަރުން ކިޔަވަމުންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ލޯނުގެ އެހީ ލިބުނު ބައެއް ދަރިވަރުން ތިބީ ކިޔެވުން ފަށަން ތައްޔާރުވެފައިކަން ފާހަގަކުރެއްވިއެވެ.