މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

Ads by Asuru

މުޢިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، ނޫމަޑި މައްސަލައިގައެވެ.

ދައުވާގައި ބުނެފައިވަނީ ހައުސިންގ ޔުނިޓު މަޝްރޫއުއަކާ ގުޅިގެން ނޫމަޑިއާއެކު ސަރުކާރުން 2011 ގައި ވެފައިވާ އެއްބަސްވުމާއި 2013 ގައި ވެފައިވާ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ތާވަލާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުންދިޔަ ކަމަށެވެ.

އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ސަރުކާރުން ދޫކޮށްފައިވާ ޅ.ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާ ކަމަށް ބުނެ ދޮގު ބަޔާނެއް ދެއްވާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ބޭއްވި ހުކުމް ކުރުމުގެ މަޖިލީހުގައި ގާޒީ ސޮފްވަތު ޙަބީބު ވިދާޅުވީ ދައުލަތުން ކޯޓަށް ހުށަހެޅި ބަޔާނަކީ އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާނެއްކަން ކަށަވަރުކުރުމަށް ދައުލަތުން މަސައްކަތް ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި އެ ބަޔާނުގައި އޮތް ސޮޔަކީ މުޢިއްޒުގެ ސޮޔެއްކަން ކަށަވަރުކުރަން މަސައްކަތް ކޮށްފައިވާކަން ވެސް އެނގެން ނެތް ކަމަށެވެ.

އެހެންކަމުން އެއީ މުއިއްޒު ދެއްވި ބަޔާނެއްކަމާމެދު ޝައްކު އުފެދޭކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

އަދި ސަރުކާރުން ނޫމަޑިއާ ހަވާލުކުރި ހައުސިން މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގޮސްފައިނުވާކަމަށް ދައުލަތުން ބުނި ނަމަވެސް އެފަދަ ޝެޑިއުލެއް އޮތްކަން ވެސް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށާއި ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގޮސްފައިނުވާކަމަށް ބުނާއިރު އެފަދަ އެއްވެސް ނިންމުމެއް ވެސް ހުށަހެޅިފައިނުވާ ކަމަށެވެ.

އެހެންވެ އެ ހާލަތުގައި ދައުވާ ބަލިކަށިވެގެންދާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ މުއިއްޒު ދޮގު ބަޔާނެއް ދެއްވިކަމާމެދު ސުވާލު އުފެދިފައިވާތީ ކުށުގެ ރުކުންތައް ފުރިހަމަނުވާ ކަމަށާއި އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ދައުވާ ސާބިތުނުވާ ކަމަށެވެ.