ކުރިއަށް އޮތް ބޮޑު އީދު ދުވަހުގައި 100 ބަކަރި ކަތިލައި އާންމުންނަށް ހަދިޔާކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

Ads by Asuru

މާލެ ސިޓީ ކައުންސިލްގެ މި ހަފްތާގެ ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިދިޔަ ބޮޑު އީދުގައި އުރީދުއާ ގުޅިގެން އުޟްހިޔާ ކަތިލުމުގެ މަސައްކަތް ކުރި ކަމަށާއި، އޭގެ ބަދަލުގައި ގިނަ ސްޕޮންސަރުން ހޯދައިގެން ފުޅާކޮށް އެކަން ކުރަން ބޭނުންވާ ކަމަށެވެ.

އީދު ދުވަހު ބަކަރި ކަތިލުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް ވިދާޅުވީ، ކުރިއަށް އޮތް ބޮޑު އީދު ދުވަހު 100 ބަކަރި ކަތިލަން ކައުންސިލުން ރާވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަހަރު ރާވާފައި އޮތީ ބަކަރިތައް ކަތިލުމަށް ފަހު އާންމުންނަށް ބެހުމަށެވެ.

”އޭގެ ތެރޭގައި ކުޑަކުދިންގެ ހިޔާ ކަހަލަ ތަންތަން ހިމެނޭ ގޮތަށް އަޅުގަނޑުމެން މިކަން ޕްލޭން ކުރެވިފަ މި އޮތީ،“ ރަމީޒް ވިދާޅުވިއެވެ.

ކައުންސިލުން މިހާރު މަސައްކަތްކުރަނީ އޭނާ ވިދާޅުވި ގޮތުގައި، ސްޕޮންސަރުންގެ ގޮތުގައި ފައިސާގެ އެހީ ލިބޭތޯއެވެ.

އެ ހަރަކާތް ކުރިއަށް ގެންދިއުމަށް އިއްޔެ ޖަލްސާ އަށް ހާޒިރުވެވަޑައިގަތް ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

އޭގެ އިތުރުން، ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ ވަނީ އީދު ދުވަހު ވަކި ވަގުތުތަކެއްގައި މަގުތައް ބަންދުކުރުމަށް ހުށަހަޅުއްވައިފައެވެ.

މަގުތައް ވަކި ވަގުތުތަކެއްގައި ބަންދުކުރުމަކީ ކުޑަކުދިންނަށް ހިތްގައިމު ކަމެއް ކަމަށާއި، އެހެންކަމުން ބައެއް މަގުތައް ބަންދުކުރުމަށް ހުށަހަޅުއްވާ ކަމަށެވެ.

މޭޔަރު ވަނީ އެކަން އަލުން އެޖެންޑާ ކޮށް ފަހުން އެކަމާ މެދު މަޝްވަރާކުރުމަށް ނިންމަވައިފައެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ މަހުގެ 28 ވަނަ ދުވަހެވެ.