ފ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާއްސަ ދަތުރުފުޅެއް މި ހަފްތާ ބަންދުގައި ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފ. ނިލަންދޫ، ދަރަނބޫދޫ، މަގޫދޫ، ފީއަލި، އަދި ބިލެތްދޫއަށް ކަމަށެވެ.
މި ދަތުރުފުޅުގައި އެ ރަށްރަށުގައި ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކުގެ ތެރެއިން ނިމިފައިވާ މަޝްރޫއުތަކުގެ ޚިދުމަތް އިފްތިތާހު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި ވަޑައިގަންނަވާ ރަށްރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ބައްދަލުކުރައްވާނެ ކަމަށާއި، އެ ބައްދަލުވުންތަކުގައި ރަށުގެ ހާލަތު ސީދާ ރައީސަށް ކައުންސިލުތައް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް މިއުވާން ވިދާޅުވިއެވެ.