އާސަހަރާ ތަރައްގީ ކުރުމުގެ މަސައްކަތް 27 މެއިގައި ފެށުމަށް ނިންމާ، މަރާމާތުގެ މަސައްކަތް ނިމެންދެން މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމް މާލެސިޓީ ކައުންސިލުން ހަމަ ޖައްސައިފިއެވެ.

Ads by Asuru

އާސަހަރާ ތަރައްގީ ކުރުމާއި ގުޅޭގޮތުން ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އާސަހަރާ ތަރައްގީ ކުރުމަށް ނިންމާ މި މަޝްރޫއުގެ ދަށުން އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖޭހޭ މަސައްކަތްތައް 27 މެއި 2023 އިން ފެށިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ.

އަދި މި މަސައްކަތްތަކާއި ގުޅިގެން އާސަހަރާގައި މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަމަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، ނަމާދު ވަގުތުތައް ނޫން ވަގުތު ތަކުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އާސަހަރާގެ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އާސަހަރާ ތަރައްގީ ކުރުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް 2 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ޒަމާންތަކަކަށްފަހު މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އާސަހަރާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމީ ހަތަރުވަނަ ދައުރުގެ 99 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

ސަހަރާ ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައިވަނީ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެން ބޭފުޅުންނަށް ހާއްސަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ހިތާމަވެރިި ވަގުތުގައި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާ އަކާއި އެކުގައެވެ.

އާސަހަރާގެ އިތުރުން މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި އެނޫންވެސް ތަންތަނުގެ އާބާތުރަ ފިލުވުމުގެގޮތުން ގިނަ މަސައްކަތްތަކެއް ހަތަރުވަނަ ދައުރުގެ ކައުންސިލުން ދަނީ ކުރަމުންނެވެ.