ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އަދި މިހާރު ހިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

Ads by Asuru

މިކަމާ ގުޅިގެން ބާއްވާ ހަފްލާ އޮންނާނީ، މިރޭ 8.30 ގައި ސޯޝަލް ސެންޓަރުގައެވެ.

މިރޭގެ ހަފްލާގައި، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދާއިމީ ވަޒީފާގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ އެރުއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު، މީގެކުރިން ރަސްމީ ސިފައެއްގައި ވަޒަންކުރެވިފައެއް ނެތެވެ. އެހެން ނަމަވެސް، 11 ނޮވެންބަރު 1968 ގައި އެ އޮފީސް ރަސްމީކޮށް އުފެދުނު ހިސާބުން ފެށިގެން އެ އޮފީހަށް ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު އެތައް ބޭފުޅުންނެއް ހިދުމަތްކޮށްދެއްވާފައިވާއިރު، އެ ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށް ރައީސް ސޯލިހު ދެކެވަޑައިގަންނަވާތީ، މިފަދަ ފިލައެއް އެރުވުމަށް ނިންމެވީ ކަމަށް ރައީސް އޮފީހުން މިއަދު ވަނީ ބުނެފައެވެ.

މިރޭގެ ހަފްލާގައި، ރައީސް އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 126 ބޭފުޅަކަށް ހަނދާނީ ފިލާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މި ބޭފުޅުންގެ ތެރެއިން މި ދުނިޔެ ދޫކުރައްވާފައިވާ 20 ބޭފުޅަކަށް ފިލާ އެރުވުމަށް ހަމަޖެހިފައިވަނީ އެބޭފުޅުންގެ ހަނދާނަށެވެ.