ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖެއިން އެޅި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލަން ބޭރުގެ ގައުމުތަކުގެ ވެރިން ގުޅުއްވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ފ.ބިލެތްދޫގައި އަލަށް އިމާރަތްކުރި ފެނަކައިގެ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދާދިފަަހުން ލަންކާގެ އޭރުގެ މިނިސްޓަރަކާ ދިމާވި ކަމަށާއި ކޮވިޑުގެ ދުވަސްވަރުގައި އެބޭފުޅުންނަށް ހެއްދެވުނު އެންމެ ބޮޑު ގޯހަކީ އޭރު ލަންކާގައި ފަށާފައި ހުރި އިންފްރާސްޓްރަކްޗަރގެ ބޮޑެތި މަޝްރޫއުތައް ހުއްޓައިލުންކަމަށް އޭނާ ވިދާޅުވި ކަމަށެވެ.

ރައީސް ވިދާޅުވީ، އޭނާއަކީ ލަންކާގެ ރައީސަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމަށެވެ.

”ބުނީ ތިމަންނާގެ އަންކަލްއަށް ހެދުނު އެންމެބޮޑު މިސްޓޭކަކީ އެއީއޭ. ހަމަ އެއާއެކީގައި ބޯޑަރު ބަންދުކޮށް ޓޫރިޒަމަށް ހުޅުވައިނުލައި ދިގުދަންމައި ބެހެއްޓުމޭ. އެއާ ހިލާފަށް ރާއްޖެ މިއަދު މިއޮތް ހިސާބަށް އާދެވިފައި މިއޮތީ އަޅުގަނޑުމެންނަށް އޭރު ނެގުނު ޑިޒިޝަންތަކެއްގެ ސަބަބުންނޭ. އެކަން ތިމަންނާމެން ގަބޫލުކުރަމޭ.“ ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން ސީޝެލްގެ ރައީސް ވެސް އެ ދުވަސްވަރު ފޯނުން ގުޅުއްވައި ރާއްޖެއިން ކަންކަން ކުރާ ގޮތް އޮޅުން ފިލުއްވި ކަމަށް ރައީސް ވިދާޅުވިއެވެ.