ޗެނަލް 13 އިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑު ކިޔައި، ލަވަ ގެނެސްދިނުން ހުއްޓުވި މައްސަލައިގައި، މީޑިއާގެ މިނިވަންކަމާމެދު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ، ވެރިންނަށް އެކި ނަންނަމުން މުހާތަބު ކުރުމަކީ، ސިޔާސީ ހަރަކާތުގެ ނާރެސް ކަމަށެވެ.

”ބޮޑުސިންގާހާ ޝެހެންޝާހެއްގެ ވެރިކަމެއް، އިއްޒަތްތެރި ރައީީސް، މާފާއެކީ އެދެން، 30 އަހަރުގެ ވެރިކަމެއް، ގޮޅާބޯ، ގޮޅާބޯ، ގޮޅާބޯ ކީކީނުން ގޮސް، އޮފު ކަނޑުވާލައިގެން ސައިޒަށް ތިރި ކުރީ.“

އީވާ އިތުރަށް ވިދާޅުވީ، ބަޔަކު ރައީސް ސޯލިހަށް ”ޗޯރު އިބުރޭ ކިޔަން ބޭނުންނަމަ، އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީން ”ބަޣާވާތަކުން“ އަރައިގެންފައިވަނީ، ”އެބޭ ސިޑިން ވެއްޓިދާނޭ“ ލަވަ ކިޔައިގެން ކަމަށެވެ.

”ޗޯރު އިބުރޭ، މިހެން ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލީތީއޭ ކިޔާފައި، ބޮޑު ޓީވީ ސްޓޭޝަންއެއް މި ސެންސަރު ކުރަނީ.“

ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ޗެނަލް 13 އަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ޗެނަލްއިން ދައްކާފައިވާ ތިން ލަވައެއް އަޑާއި މަންޒަރު ހިމެނޭ ގޮތަށް ބްރޯޑްކާސްޓްކުރުން ހުއްޓައިލުމަށް އަންގާފައެވެ.

އެ ތިން ލަވައަކީ ”ލުޓޭރު އިބުރޭ“، “ކަނޑުފޭރޭ ޗޯރު“، “ފެލާލައިފި“މިއެވެ. ބްރޯޑްކޮމްއިން އަންނަނީ މި ލަވަތަކުގެ މައްސަލަ ބަލަމުންނެވެ.

ބްރޯޑްކޮމްއިން މި މައްސަލަ ބަލާތީ އެކަމާ ދެކޮޅަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މިއަދުގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅުއްވިއެވެ. ނަމަވެސް އެ މައްސަލަ ބޭރުކޮށްލީއެވެ.