ދަރިމައިވުމުގެ މައްސަލައަށް ފަރުވާދިނުމަށް ރާއްޖޭގައި މުޅިން އަލަށް އައިވީއެފްގެ ހިދުމަތް، ޓްރީ ޓޮޕް ހޮސްޕިޓަލުން ފަށައިފިއެވެ.
އެ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު އިއްޔެ ހުޅުވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
މި ހިދުމަތް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިއަދަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އަދި ކޮންމެ ދެމަފިރިއަކަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.
ދަރިމައިވުމުގެ ފަރުވާއާ ބެހޭ ހާއްސަ ކްލިނިކެއް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން ރާއްޖޭގައި ހުޅުވުމަކީ އެ ފަރުވާއަށް ބޭނުންވެފައި ތިބި ކޮންމެ ދެމަފިރިއަކަށް މި ހޮސްޕިޓަލުގެ ފަރާތުން ފޯރުވައިދިން ވަރަށްބޮޑު ހަދިޔާއެއް ކަމަށާއި އަލަށް ޒަވާޖީ ހަޔާތެއް ފެށުމަށް ތައްޔާރަށް ތިބި ޒުވާނުންނަށް ދިން ވަރަށް ބޮޑު އުއްމީދެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިފަދަ މުހިންމު ހިދުމަތެއް ރާއްޖޭގައި ފެއްޓެވި ކަމަށްޓަކައި އެ ހޮސްޕިޓަލުގެ ވެރިންނަށާއި މެނޭޖްމަންޓަށް ޝުކުރު އަދާކުރައްވައިފައެވެ.