އެމް-ފައިސާ ބޭނުންކޮށްގެން މާލެ ސަރަހައްދުގެ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދެއްކި ކަސްޓަމަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަށް ސައިކަލު ހަވާލުކޮށްފިއެވެ.

Ads by Asuru

ބްރިޖް ވިއުއިން ޕްލެޓްފޯމްގައި ބޭއްވި މި ހާއްސަ ހަރަކާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ އާއި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އަދި ކިންގްސްޓަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

އުރީދޫ މޯލްޑިވްސް އާއި ފިއުލް ސަޕްލައި މޯލްޑިވްސް ގުޅިގެން ގްރޭޓާ މާލެ ސަރަހައްދުގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކުގައި އުރީދޫގެ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން، އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ފަހިކޮށްދިނުން ވެގެން ދިޔައީ އެފްއެސްއެމް ކަސްޓަމަރުންނަށް ލިބުނު ވަރަށް ބޮޑު ލުޔަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި ޕެޓްރޯލް ޝެޑުތަކުގައި ބަހައްޓާފައި ހުންނަ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްގެން ކަސްޓަމަރުންނަށް މިހާރު ސިކުންތުކޮޅެއްގެ ތެރޭގައި ފަސޭހަކަމާ އެކު ފައިސާ ދައްކާލެވޭ ކަމަށް އުރީދޫން ބުނެއެވެ.

ހާލިދު ވިދާޅުވީ ކަސްޓަމަރުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބި، އެފްއެސްއެމްގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުން ދުވަހެއް ދުވަހަކަށް އިތުރުވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެފްއެސްއެމް އާއެކު ވެވުނު މި ޕާޓްނާޝިޕްއާއެކު ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައު ބާރުވެރިކުރުވުމުގެ އިތުރުން، ޑިޖިޓަލް ފައިނޭންޝަލް ހިދުމަތްތައް ރާއްޖޭގައި ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ވެސް އެހީތެރިވެދޭ. ކުރިއަށް އޮތްތަނުގައި ވެސް ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި އުރީދޫ ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވަން، އޭނާ ވިދާޅުވިއެވެ.

ފިއުލް ސަޕްލައިސް މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ އެފްއެސްއެމްއިން މަސައްކަތް ކުރަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

އަދި އުރީދޫ މޯލްޑިވްސްއާއި ގުޅިގެން އެމް-ފައިސާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން، ފައިސާ ދެއްކުމުގައި ފަސޭހަވެގެންދިޔައީ ހަމައެކަނި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެކަނި ނޫން ކަމަށާއި އެފްއެސްއެމްގެ މުވައްޒަފުންނަށް ވެސް، ޕޭމަންޓް މޮނީޓަރކޮށް ބެލެހެއްޓުމުގެ ލުއިފަސޭހަކަން ވަރަށް ބޮޑަށް އިތުރުވެގެން ހިނގައްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ރާއްޖޭގެ އެންމެ މަގުބޫލު ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ތަކަށް ފައިސާ ދެއްކުމުގެ އިތުރުން ހާއްސަ އޮފާތައް ފަދަ ގިނަ ފައިދާތައް ހޯދުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫއިން މަރުހަބާ ކިޔައެވެ.

އެމް-ފައިސާ ކަސްޓަމަރުންނަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ފަދަ ބޭންކުތައް މެދުވެރިކޮށް އޮންލައިންކޮށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.