ކުށްތަކާ ދުރު މުޖްތަމައުއެއް ބިނާ ކުރުމަށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

Ads by Asuru

ނައިބު ރައީސް މިކަމަށް ގޮވާލެއްވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންތިޒާމުކޮށްގެން ބޭއްވި ކ. މާފުށީ ސްކޫލުގައި ”އިންމޭޓް ކްރިއޭޓިވިޓީ ފެއަރ 2023“ ރަސްމީގޮތުން ހުޅުވައިދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

މިފެއަރ ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި، ނައިބު ރައީީސް ވަނީ، މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމަށާއި ގައިދީންގެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.

އެގޮތުން ގައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް އަމާޒުކޮށް، ހުނަރުތައް ދަސްކޮށްދިނުމާއި، ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުންފަދަ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިޔަށްގެންދާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ގެ ވާހަކަފުޅުގައި، ކުށްތަކާ ދުރު، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ފެއަރގެ މަގްސަދަކީ، ސަރުކާރުން ބުނިގޮތުގައި، ގައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ރަނގަޅު ބައެއްގެ ގޮތުގައި ނެރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެތެރެއިން ގައިދީންނަށް ތަފާތު އެކިއެކި ހުނަރުތައް ދަސްކޮށްދީ އެ ހުނަރުތައް އާންމުންނަށް ދައްކާލުމެވެ.