ދިހަ މީހުންނާއެކު ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.

Ads by Asuru
މި ހާދިސާއާ ގުޅޭގޮތުން، އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ރ. ރަސްގެތީމަށް ދަތުރުކުރި ”ހޮރައިޒިއާ 2“ ނަމަކަށް ކިޔާ ބޯޓެއްގެ އިންޖީނު ރޫމްގައި އަލިފާން ރޯވެގެން އެމްއެެންޑީއެފް ކޯސްޓްގާޑް މެރިޓައިން ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ބޯޓްގައި އަލިފާން ރޯވެފައި ވަނީ ބ.އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުން ކަމަށާއި މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 19:16 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ބޯޓުން ދަތުރުކުރި 10 މީހުން މިހާރު ވަނީ ފޯ ސީޒަން ރިސޯޓްގެ ލޯންޗަކަށް ނަގާފައެވެ.

އަދި ބ. އޭދަފުށީ ސީއެމްބިއުލާންސާއި ޅ. މާފިލާފުށިން ކޯސްޓްގާޑް ހާބަރ ކްރާފްޓް ލޯންޗް މިހާރު އެ ސަރަހައްދަށް ދިޔުމަށް ދަތުރުކުރަމުންދާއިރު އެމީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.