ރާއްޖޭގެ މަސްކަނޑުން ގެއްލުނު ސަރަހައްދު އަނބުރާ ގެނައުމަށް، އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް، ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

Ads by Asuru

ކަނޑު ވިއްކުމާ ދެކޮޅަށް މިރޭ ބޭއްވި ޖަލްސާގައި، ނާޒިމް ވަނީ، މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅި މައްސަލައިގައި، ޗާގޯސްގެ ސިޔާދަތީ ބާރު، މޮރިޝަސްއަށް އޮތް ކަމަށް ގަބޫލުކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ، އަނބުރާ ގެނައުމަށް ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ، މި މައްސަލައިގައި ރައީސް ސޯލިހަށް މާފު ކުރުމެއް ނެތް ކަމަށާއި، އެމަނިކުފާނު ފޮނުއްވި ސިއްރު ސިޓީއާ ގުޅިގެން ”ސްވިޒަލޭޭންޑް“ ވަރުގެ ކަނޑުގެ ސަރަހައްދެއް ގެއްލުނު މައްސަލައިގައި ރައީީސްގެ މައްޗަށް ދައުވާ ވެސް ކުރާނެ ކަމަށެވެ.

”މިއަދު އަޅުގަނޑުމެން މި ޖިހާދު ކުރަނީ، ދިވެހިންގެ އަތުން ވަގަށް ނެގި ތަން ހޯދަން އަޅުގަނޑުމެން، މި މަސައްކަތް ކުރަނީ.“

ނާޒިމް އިތުރަށް ވިދާޅުވީ، ކަނޑުގެ ސަރަހައްދު ގެއްލުނުއިރު، އެ ކަނޑުގެ މުދަލާއި، މުއްސަނދިކަން ވެސް ދިވެހީންނަށް ގެއްލިފައިވާ ކަމަށެވެ. އެ ކަނޑުގެ އަޑީގައި އޮތީ ކޮން އެއްޗެއްކަންވެސް އަދި ނޭނގޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ވާޖިބެއް، މި ތަން ހޯދަން މަސައްކަތް ކުރުމަކީ.“

ނާޒިމް އިތުރަށް ވިދާޅުވީ، ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި، ހުރިހާ ސިޔާސީ ފިކުރެއް އެކަތިގަނޑަކަށް ވެއްޖެ ކަމަށާއި، އެކަތިގަނޑަކަށް ވެފައިވާ ފަރާތްތައް، މި ސަރުކާރު ބަލިވެސް ކުރާނެ ކަމަށެވެ.