ދިވެހީން އަމިއްލަ ގައުމާމެދު ހެެވެއް ނޭދޭނަމަ، ހެޔޮ އެދޭނެ އެހެން ބަޔަކު ނާންނާނެ ކަމަށް އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަަލައިގައި ކަންބޮޑުވުންފާޅުކޮށް ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ކެމްޕެއިނާ ދެކޮޅު ފަރާތްތަކުން، އިންޑިއާއިން ރާއްޖެއަށް އެހީވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައީސް ޔާމީން ރޭ ވަނީ ރައްދު ދެއްވައިފައެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ފަސްގަނޑުން ފައިދާތަކެއް ލިބެން ނެތްނަމަ، އެއްވެސް ބަޔަކު މިތަނަށް ނާންނާނެ ކަމަށެވެ.
”އަޅުގަނޑުމެން މިހާތަނަށް ރާއްޖޭގައި އުޅެފައި މިއޮތީކީ ސަލާން ޖަހައިގެނެއް ނޫން. ލޯނު ނެގުމަކީ ސަލާން ޖެހުމެއް ނޫން. އަޅުގަނޑުމެން ނަގާ ލޯނެއް ވެއްޖެއްޔާ އަދާކޮށްފައި އޮންނާނީ.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާގެ ޓީޗަރުންނާ ޑޮކްޓަރުންނާއި ނަރުހުން ހިދުމަތްދޭތީ، އިންޑިއާ އައުޓް ކެމްޕެއިން ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ބުނާ މީހުންނަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ، އެގައުމުގެ މަސައްކަތްތެރިން ރާއްޖޭގައި ހިދުމަތް ދެނީ ހިިލޭ ސާބަހަށް ނޫން ކަަމަށެވެ.
”އެހެންވީމަ އެއީ އަޅުގަނޑުމެން އޮބްލައިޖް ވާންޖެހޭ ކަމެއް ނޫން. އަޅުގަނޑުމެންގެ ދަރަންޏެއް ނޯންނާނެ.“
”އިންޑިއާ އައުޓް“ ކެމްޕެއިނަކީ އެމަނިކުފާނު އިސްވެ ހުންނަވައި ހިންގަވާ ކެމްޕެއިނެއް ކަމަށް ރައީސް ޔާމީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ މިއީ ގައުމީ ކެމްޕެއިނެއް ކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްވުރެވެސް އިދިކޮޅަށް މުހިންމީ، ގައުމު މިނިވަން ކުރުން ކަމަށެވެ.