ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނީ، މޮރިޝަސްއާ ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލަ އިޓްލޮސްގައި ހިނގަމުން ދަނިކޮށް، ފުށުއަރާ ކަނޑުގެ ސަރަހައްދަކީ މޮރިޝަސްގެ ތަނެއް ކަމަށް ގަބޫލުކޮށް ސިޓީ ފޮނުވުމުން ކަމަށް ހޯމް މިނިސްޓަރު، އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވާފައިވާ، އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by Asuru

އުމަރު މިހެން ވިދާޅުވީ، ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައި، ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ”ކަނޑު ވިއްކާލުމާ ދެކޮޅު ކޯލިޝަން“ އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އުމަރު ވިދާޅުވީ، އިޓްލޮސްގެ ނިންމުމާއެކު، ރާއްޖޭގެ ކަނޑުން 44،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ގެއްލިގެން ދިޔައީ ކަމަށާއި، ލިބުނު އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

”44،000 އަކަ ކިލޯމީޓަރު ލިބުނީ މޮރިޝަސްއަށް، އެކަމަށް ބާރު އެޅީ ތިންވަނަ ގައުމަކުން. އަޅުގަނޑުމެންނަށް ލިބުނު އެއްޗެއް ނެތް.“

އުމަރުގެ ވާހަކައިގައި، ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި ސަރުކާރު ދިފާއު ކުރާ މީހުން ދައްކަމުން އަންނަ ވާހަކަތަކަށް ވެސް ރައްދު ދެއްވިއެވެ.

އެގޮތުން، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް، ކަނޑުން ބައެއް ގެއްލުނީސް ކަމަށާއި، އިޓްލޮސްގެ ނިންމުން ބަދަލު ނުވީސް ކަމަށް ބުނާ ފަރާާތްތަކަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިފައިވާ ކަމަށް ގަބޫލުކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

”އިޓްލޮސްގަ މި މައްސަލަ ހިނގަމުން ދަނިކޮށް، ސިޓީއެއް ފޮނުވާފައި މި ބުނަނީ، މޮރިޝަސްގެ ކަނޑެކޭ ތި ކަނޑަކީ. އެހެން ސަރުކާރެއް އޮތްނަމަ، އެހެންނެއް ނުބުނާނެ.“

އުމަރު ވިދާޅުވީ، މި މައްސަލައިގައި އިޓްލޮސްގެ ނިންމުން ގަބޫލު ނުކުރުމުގެ ހައްގު ވެސް ދިވެހި ސަރުކާރަށް އޮތް ކަމަށާއި، ނަމަވެެސް އެކަން އެގޮތަށް ކޮށްފައި ނުވާ ކަމަށެވެ.