ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓގެ މެންބަރުންނާ ބައްދަލުކުރައްވައި، އައްޑޫސިޓީގައި އަންހެނުންގެ ތަރައްގީއަށް ކުރިޔަށްގެންދެވޭ މުހިންމު ކަންކަމާގުޅޭގޮތުންނާއި އެކޮމެޓީއަށް ކުރިމަތިވާ ދަތި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުން އޮތީ އައްޑޫސިޓީ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމެޓީގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އ.ތ.މ. ކޮމެޓީތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ކައުންސިލުތަކުގެ ބަޖެޓުން މިހާރު ކަނޑައަޅާފައިވާ އިންސައްތަ މިހާރަށްވުރެ މަތިކުރުމަށާއި އަދި ސިޓީ ކައުންސިލުތަކުގެ އ.ތ.މ ކޮމެޓީގެ މެންބަރުންނަށް އިތުރު އެލަންވަންސްތައް ހަމަޖެހުން ފަދަ ކަންކަން ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުންވެސް އަންހެނުން އިތުރަށް ބާރުވެރިކުރުމަށް މަގުފަހިކުރުމަށް ކުރަންހުރި އިތުރުކަންކަން މެންބަރުން ފާހަގަކުރެއްވިއެވެ.

ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި އ.ތ.މ. ކޮމެޓީތަކަށް ބޭނުންވާ ކަންކަން ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރެއްވިއެވެ.

އަދި ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތަކުގެ އިތުރުން ފަހިކުރެވެންހުރި އިތުރުކަންކަން ބައްލަވައި އެކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އައްޑޫ ސިޓީއަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.