އައްޑޫ ސިޓީއަށް ލިބެމުން އަންނަ ކުރިއެރުމާ ތަރައްގީ އަކީ ރައްޔިތުން މި ސަރުކާރަށް ކުރި އިތުބާރުގެ ސަބަބުން ލިބެމުން އަންނަ ކުރިއެރުންތައްކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނާއެކު ރޭ ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސްއަށް ހެޔޮބަދަލެއް ގެނައުމަށް ކުރަންޖެހޭ ކަންކަންނިންމައި ވަރަށް އަވަހަށް ސަރުކާރުން އެބަދަލުތައް އިއުލާނުކުރާނެ ކަންވެސް ހާމަކުރައްވައިފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކުރިޔަށް އޮތްތަނުގައި ”ޕޭ ހާމަނައިޒޭޝަން“ގެ ދަށުން ހުރިހައި ދާއިރާއެއްގެ މުސާރަތަކަށް ގެންނަންޖެހޭ ހެޔޮބަދަލުތައް ގެންނަވާނެކަން ވެސް ފާހަގަކުރައްވައިފައެވެ.

އަދި ކޮވިޑްގެ ބަލިމަޑުކަން ކުރިމަތި ނުވިނަމަ މިހާތަނަށް އައިއިރު އެމަސައްކަތް އޮންނާނީ ނިމިފައިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް މިހާރު ކުރިޔަށްއެދަނީ އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާކަންކަމުގެ ގޮތުގައި މީގެ ކުރިން އެމަނިކުފާނަށް ހުށަހަޅާފައިވާކަންތައްކަން ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ރާއްޖޭގެ ރަށްރަށުގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް މީގެ ކުރިން އެއްވެސް އިރަކު ނުހިންގާހާ ބޮޑެތި ގިނަ މަޝްރޫއުތަކެއް މި ދައުރުގެ ތެރޭގައި ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ.