ދީނީ އިލްމުވެރިން، ސިޔާސީ ވާހަކަ ދެއްކުން މަނާކުރެވޭނެ ހަމައެއް ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ދީނީ ނަސޭހަތް ދިނުމާއި ކިޔަވައިދިނުމުގެ މަސައްކަތުގެ ތެރެއިން ކެންޑިޑޭޓަކަށް ތާއީދު ހޯދަން ނުވަތަ ތާއީދު ކުޑަކުރަން މަސައްކަތް ކުރުން މަނާވާ ގޮތަށް މި އަހަރުގެ ރިޔާސީ އިންތިހާބުގެ ގަވާއިދު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.
މިމައްސަލާގައި ދީނީ ގިނަ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި އިމްރާން ނިސްބަތްވާ އަދާލަތު ޕާޓީގެ އިލްމުވެރިންވެސް ހިމެނެއެވެ.