ކީރިތި ރަސޫލާ (ސ.އ.ވ)ގެ ދިފާއުގައި މުސްލިމް ސަރުކާރުތަކުން ބަސް ބުނަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ(ބީޖޭޕީ)ގެ ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަ ދިވެހި ސަރުކާރުން ކުށްވެރި ނުކުރާތީ، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރެވޭ ހިނދު، ދިވެހި ހާރިޖިއްޔާ އިން ހަމަހިމޭންކަން ޚިޔާރުކޮށްގެން ނުވާނެ ކަމަށެވެ.

އަދި މި މައްސަލައިގައި އިސްލާމީ ގައުމުތަކުން ބަސް ބުނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަތައް އިސްލާމީ ގައުމުތަކުން ކުށްވެރި ކުރަމުން އަންނައިރު، ދިވެހި ސަރުކާރުން އެގޮތަށް އަމަލު ނުކުރަނީ އިންޑިއާއާ ދެކޮޅަށް ބަސް ބުނަން ނުކެރޭތީ ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރި ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަވެސް ވަނީ ބޭރުކޮށްލައިފައެވެ.