ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ދެކެވެމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެެވެ.

Ads by Asuru

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި ކުރައްވާފައިވާ ޓްވީޓުތަކެއްގައެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޮވިޑް ލެވެލްގައި(ކޮވިޑްގެ ކުރިން ހުރި މިންވަރުގައި) ދެމެހެއްޓޭނެ ކަމަށެވެ.

ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތްކަމަށާއި، ދަރަނި ދެއްކުމުގެ ގާބިލުކަންވެސް އެބަހުރި ކަމަށާއި، މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވެފައިވަނީ ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައި ކަމަށެވެ.

އަދި މި މިންގަނޑުތަކުގައި ދެމެހެއްޓުމަށް ބޭރު ފައިސާގެ އިންފްލޯ އަދި އައުޓްފްލޯ ދަނީ ގާތުން ބަލަމުންކަމަށާއި، ދިމާވާ ގޮން ޖެހުންތަކަށް ފިޔަވަޅު އަޅަމުންދާކަން އަމީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކަށް ދޮގު ކުރައްވައި އަމީރު ވަނީ މިފަދަ ވާހަކަތަކަށް ރައްޔިތުންނާއި ބޭރުގެ އިންވެސްޓަރުންނަށް ހަގީގަތް އޮޅޭގޮތައް ދެއްކުމުން, ދުނިޔެ އޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު މިހެން ވިދާޅުވިނަމަވެސް ރަޝީޔާ ޔޫކްރެއިން ހަންގުރާމަ ފަދަ ކަންކަމުގެ ސަބަބުން ލޯނު ހޯދުމުގެ ދަތިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ރިޒާވް ހުސްވެ ލޯނުތައް އަނބުރާ ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނޭ ކަމަށް އެމެރިކާގެ އިސް އިންވެސްޓްމެންޓް ބޭންކެއް ކަމަށްވާ ޖޭޕީ މޯގަންއިން ވަނީ ބުނެފައެވެ.