އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ(ބީޖޭޕީ)ގެ ތަރުޖަމާނު ނުޕޫރު ޝަރްމާ، ކީރިތި ރަސޫލާ (ސ.އ.ވ)އަށް ފުރައްސާރަ ކުރި މައްސަލަ ހޫނުވެފައިވާއިރު، އިސްލާމީ ގައުމުތަކުން ދަނީ އޭނާގެ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ.

Ads by Asuru

ޓީވީ ބަހުސެއްގައި ނުޕޫރު ރަސޫލާ(ސ.އ.ވ)އާ ގުޅޭގޮތުން ދެއްކި ވާހަކައަށް އޭނާ ފަހުން މާފަށް އެދި، މަގްސަދަކީ މުސްލިމުންގެ ހިތްތަކުގައި ރުޅިވެރިކަން އުފެއްދުން ނޫން ކަމަށް ބުނި ނަމަވެސް، އޭނާ އަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ.

އެގޮތުން މިހާތަނަށް، 11 ގައުމަކުން ނުޕޫރު ދެއްކި ވާހަކަތައް ކުށްވެރި ކޮށްފައިވެއެވެ. އެގައުމުތަކަކީ:

ގަތަރު

ސައުދީ އަރަބިއާ

ކުވޭތު

ޖޯޑަން

އޮމާން

ޔޫއޭއީ

ޕާކިސްތާން

އަފްޣާނިސްތާން

ބަހުރެއިން

ދިވެހިރާއްޖެ

އިންޑޮނޭޝިއާ

ނުޕޫރު ދެއްކި ވާހަކަތައް ކުށްވެރިކޮށް، އިންޑިއާގެ އެކި ސަރަހައްދުތަކުގައި މުސްލިމުން ވަނީ އަޑުވެސް އުފުލާފައެވެ. އަދި އޭނާ ހައްޔަރު ކުރަންވެސް ގޮވާލިއެވެ. މިކަމާ ގުޅިގެން ޕްރެޝަރު ބޮޑުވެ، ބީޖޭޕީން އާދިއްތަ ދުވަހު ވަނީ އޭނާ ސަސްޕެންޑު ކޮށްފައެވެ.