ޔޫތު މިނިސްޓްރީން، ”ހަފްތާ ރެސް“ ޕްރޮގްރާމްގައި ނަމާދާއި ހަރުކަށި ފިކުރާ ގުޅުވައިގެން މައުލޫމާތު ދިނުމަށް ފަހު، ޕްރޮގްރާމާ ގުޅޭ މައުލޫމާތު ހިއްސާ ކުރި ޓްވީޓް ޑިލީޓް ކުރުމަކުން ނުފުދޭ ކަމަށް ސަލަފު ޖަމުއިއްޔާގެ އޮޕަރޭޝަން މެނޭޖަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ހަފްތާރެސް ޕްރޮގްރާމްގެ ތެރެއިން، ރ.އުނގޫފާރު ސްކޫލްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، ސްކޫލް ދަރިވަރުން، ސްކޫލް ވަގުތުގައި ނަމާދު ކުރުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަމުގައި ވަނީ ކިޔައިދީފައެވެ.

އަދި ސްކޫލް އެސެމްބްލީގައި ލަވަ ކިޔުމުގައި ބައިވެރި ނުވުމާއި، ތުނބުޅި ދިގު ކުރުން ވެސް އެއީ ހަރުކަށި ފިކުރަށް ދަރިވަރު ލެނބެމުން އަންނަކަން އަންގައިދޭ ކަމެއް ކަމަށް ކިޔައިދީފައިވެެއެވެ.

މިކަން ޔޫތު މިނިސްޓްރީން ދޮގު ކުރިއިރު، މި ޕްރޮގްރާމްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ޔޫތު މިނިސްޓްރީން މީގެ ކުރިން ހިއްސާ ކުރި ޓްވީޓެއްގައި ފެނެއެވެ.

އެ ފޮޓޯގައި ފެންނަނީ ހަރުކަށި ފިކުރުގެ އަލާމާތްތަކުގެ ގޮތުގައި، ވަގުތަށް ނަމާދު ކުރުން ހިމަނައި ކިޔަވައިދޭ މަންޒަރެވެ. ޔޫތު މިނިސްޓްރީން ފަހުން މި ޓްވީޓު ވަނީ ޑިލީޓް ކޮށްފައެވެ.

މިކަމާ ގުޅިގެން އަލީ ރަމީޒު ވިދާޅުވީ މިނިސްޓްރީން ޓްވީޓް ޑިލީޓް ކުރުމުން ނުފުދޭ ކަަމަށާއި، ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށެވެ.

މީގެ ކުރިންވެސް ސަރުކާރުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އެކި ހަރަކާތްތަކުގައި އިސްލާމްދީނާ ދެކޮޅު ބައެއް ވާހަކަތައް ހިއްސާ ކުރުމުން، ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.