ރަސްމާލެ މަޝްރޫއުއާ ދެކޮޅު ބޮޑު އެއްވުމަށް އަތޮޅުތެރެއިން ވެސް މީހުން ގެންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޔޫއޭއީގެ އީގަލް ހިލްސް އަށް ރަސްމާލެ އިން ބޮޑު ބިމެއް ދީގެން ހިންގަން އުޅޭ މަޝްރޫއުއާ ދެކޮޅަށް އަންނަ މަހު ބޮޑު އެއްވުމެއް ބާއްވަން ނިންމައިފައިވާއިރު، އެ މަޝްރޫއާ ދެކޮޅަށް އުފައްދާފައިވާ ގައުމީ ހަރަކާތުން ބުނީ އެ އެއްވުން އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގައި ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވީ އަންނަ މަހު ބާއްވާ ހަރަކާތަށް ރާއްޖޭގެ ރަށްތަކުން މާލެ އަށް މީހުން ވެސް ދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ބޮޑު އެއްވުމެއް ބާއްވަން ނިންމީ، ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ދިވެހިންގެ ބިން ދިވެހިންނަށް ގެ ނަމުގައި ބޭއްވި މުޒާހަރާގެ ނަތީޖާ ރަނގަޅުވުމުން ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހުގެރޭ ހުޅުމާލޭގެ ފޭސް ދޭއްގައި ”ރަތް ރޮނގު“ ގެ ނަމުގައި ޖަލްސާއެއް ބާއްވަން ނިންމާފައިވާކަން ވެސް އޭނާ ވިދާޅުވިއެވެ.





