އިސްލާމިކް މިނިސްޓްރީގެ ”ދަރުސް ޕޯޓަލް” ރަސްމީކޮށް އިފްތިތާހު ކުރައްވައިފިއެވެ.
މި ޕޯޓަލް އިފްތިތާޙްކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.
ދަރުސް ޕޯޓަލް އަކީ ދަރުސް އިންތިޒާމުކުރާ ފަރާތްތަކާއި، ދަރުސްދިނުމަށް އެދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ހުއްދަ ހޯދުމުގެ އިންތިޒާމު ހަމަޖެހިގެންދާގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ.
މީގެ ކުރިން ދަރުސް ދިނުމަށް ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ މިނިސްޓްރީއަށް ފޯމެއް މެދުވެރިކޮށެވެ. ނަމަވެސް މި ޕޯޓަލްއާއިއެކު ކުރިއަށްވުރެ ފަސޭހައިން ހުއްދައަށް އެދެވޭއިރު ފޯމެއް ހުށަހަޅާކަށް ނުޖެހޭނެވެ.
ދަރުސް ޕޯޓަލްގައި ރެޖިސްޓްރީކޮށް، ހުއްދައަށް އެދުމުން، އެސްއެމްއެސްއެއް މެދުވެރިކޮށް ހުއްދަ ލިބުނުކަން ހުއްދައަށް އެދުނު ފަރާތަށް އެނގިގެންދާނެއެވެ. މި ޕޯޓަލް މެދުވެރިކޮށް ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ކައުންސިލްތަކަށް ހުއްދައަށް އެދެވިދާނެއެވެ.
ޕޯޓަލް މެދުވެރިކޮށް ދަރުސް ބޭއްވުމުގެ ހުއްދަ ހޯދުމަށްފަހު، ހުއްދަ ދެވިފައިވާގޮތަށް، ދަރުސް ބޭއްވުނުކަން ނުވަތަ ނޫންކަން ޕޯޓަލް މެދުވެރިކޮށް އެންގުމުގެ އިންތިޒާމް ޕޯޓަލްތެރެއިން ވަނީ ހަމަޖެހިފައެވެ.
