ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ މެމްބަރުންގެ އަދަދު 40،000އަށް އަރައިފިއެވެ.
ޕީޕީއެމް/ޕީއެންސީން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ކުރީގެ ރައީސް، އަދި މިހާރުގެ ޗެއާޕާސަން ވަނީ ޕާޓީގެ މެމްބަރުންގެ އަދަދު 40،000އަށް އެރިކަން ހާމަކުރައްވައިފައެވެ.
އަބްދުއްރަޙީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކޮށް ފުރަތަމަ ބުރު ނިންމާ، ދެވަނަ ބުރަށް ގޮސް އިންތިޚާބު ކާމިޔާބު ކުރިއިރު ޕީއެންސީގައި ތިބި މެމްބަރުންގެ އަދަދަކީ 3،022 ކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިޚާބަށް ފަހު މިހާހިސާބަށް އެ ޕާޓީގައި ތިބި މެމްބަރުންގެ އަދަދު 40،000 އިން މައްޗަށް އަރައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
20 ވަނަ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ވާދަ ކުރައްވަވާ ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވިއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ 13 މެމްބަރަކު ޕީއެންސީ އަށް މިރޭ ސޮއިކުރައްވައިފައިވެއެވެ. އެ މެމްބަރުންގެ ފޯމުތަކާއި ޙަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕީއެންސީ އަށް ގެންނަން ފައިސާ ހުށަހަޅަމުންދާ ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ތުހުމަތު ކުރައްވަމުން ގެންދެވި ނަމަވެސް އެ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.
13 މެމްބަރަކު ޕީއެންސީއާ ގުޅިވަޑައިގަތުމުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން އަދަދު މިހާރު ވަނީ 55 އިން 42 އަށް ދަށްވެފައެވެ.
