އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް އިންތިޚާބުވިޔަސް، އޭނާ ވެސް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްގެ ރައީީސް ޙަސަން މީސްމީޑިއާގައި ކުރެއްޓި ޕޯސްޓެއްގައި ވިދާޅުވީ އާޒިމަށް މޭޔަރުގެ މަޤާމު ކާމިޔާބު ކުރެވުނަސް އޭނާ އެމްޑީޕީގައި ހުންނަވާނެ ކަމަށް ބެލުމަކީ މޮޔަކަމެއް ކަމަށެވެ.
އަދި އާޒިމް އެމްޑީޕީއާއި ގުޅިވަޑައިގަތީ ވެސް ރިޔާސީ ޓިކެޓުގެ ބޭނުމުގައި ކަމަށް ޙަސަން ތުހުމަތު ކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އާޒިމްގެ ގުޅުންތައް ވެސް ހުރީ އޭނާގެ ބޭބެ ކާނަލް މުޙައްމަދު ނާޒިމާ އެއްގޮތަށް ސަރުކާރާ އެކީގައެވެ. އެމްއެންޕީގެ ރައީސް ނާޒިމް އަކީ ޕީއެންސީ އާއި ޕީޕީއެމްގެ ކޯލިޝަން ބައިވެރިއެކެވެ.
ޙަސަން މިހެން ވިދާޅުވީއިރު، އިދިކޮޅު އެމްޑީޕީގެ 13 މެމްބަރަކު ވަނީ އެ ޕާޓީ ދޫކުރައްވައި ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ އާއި ގުޅިވަޑައިގެންފައެވެ.
