ގއ. ނިލަންދޫ ފަރަށް އެރި ބޯޓެއް ފަޅައިގެން ގޮސް ދިޔަވާތީ އެ ބޯޓު ސަލާމަތް ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މަޢުލޫމާތުދިން ގޮތުގައި، ނިލަންދޫ ނެރު ކައިރިން ފަރަށް އެރީ ސައުތުލައިން ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.
މި ހާދިސާ ހިނގީ މިރޭ 20:15 ހާއިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހާދިސާ މަޢުލޫމާތު ލިބުމާ ގުޅިގެން ގއ. ވިލިނގިލި ޕޮލިސް ލޯންޗު ޕަމްޕެއް ހިފައިގެން ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮސްފައިވާ ކަމަށެވެ.
އަދި ބޯޓުގެ ފަޅައިގެން ގޮސްފައިވާ ތަނުގައި ފިލާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
ސައުތުލައިންއަކީ މާލެ އާއި އައްޑޫއާ ދެމެދު ދަތުރު ކުރާ ބޯޓެކެވެ. އެއީ މުދާ އުފުލާ ބޯޓެކެވެ.
