ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން މިއަދާ ހަމަޔަށް އަރާފައިވާ ޖޫރިމަނާ މަޢާފުކޮށްފިއެވެ.
އާބަންކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފުތާ ސާދައިގެ މަގު ޗާޓުގެ ދަށުން މިއަދާ ހަމަޔަށް އަރާފައި ހުރި ސޯޝަލް ހައުސިންގެ ޖޫރިމަނާތައް މަޢާފު ކުރަން އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.
ޖޫރިމަނާ މަޢާފު ކުރުމަށް ފަހު ފްލެޓުތަކަށް ބާކީ ނުދެއްކި ހުރި ފައިސާގެ އަދަދު ބަހާލައިގެން ދެއްކޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ފްލެޓުތަކުގެ އެއްބަސްވުންތަކަށް ވެސް ބަދަލު ގެންނަން ނިންމައިފައިވެއެވެ.
އެ ބަދަލުތަކުގެ ތެރޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އަދި ކުލި ދެއްކުން ލަސްވުމުން ނަގާ ޖޫރިމަނާއަކީ ކޮންމެ މަހަކު ދައްކަންޖެހޭ އަދަދުގެ އެއް ޕަސެންޓު ކަމުގައި ކަނޑައެޅިގެންދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
އާބަންކޯ އިން ބުނި ގޮތުގައި، މިބަދަލާއެކު ދެން ޖޫރިމަނާގެ ގޮތުގައި ނަގާ އެއް ޕަސެންޓުގެ ފައިސާ ހަދިޔާ ކުރާން އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑަށެވެ.
މި ބަދަލުތަކާ އެއްގޮތަށް ފްލެޓުތަކުގެ އެއްބަސްވުން ބަދަލުކުރަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ޖެނުއަރީ މަހުގެ 10 އެވެ.
