ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެމްއެންޑީއެފުން ހިންގަމުންދިޔަ އޮޕަރޭޝަން ނިންމައިލައިފިއެވެ.

ޤައުމީ ދިފާއީ ބާރުން، ފެށި މި އޮޕަރޭޝަންގައި މާލޭގެ 12 ސަރަހައްދެއްގައި ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާއިރު، 25 ގެއެއްގައި 238 ވެލިބަސްތާ ޖަހާދީފައިވެއެވެ.

މޫސުން ގޯސް ވުމުގެ ސަބަބުން މާލެއާއި އަތޮޅުތެރޭގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް އެހީތެރިވުމަށް ޤައުމީ ފެންވަރުގައި ސިފައިން ހަރަކާތްތެރިވަމުން ދިޔައެވެ.

ޑިފެންސް މިނިސްޓްރީން އިއްޔެ ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މާލެ އާއި އަތޮޅުތެރޭގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް އެހީތެރިވުމަށް ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ޤައުމީ ފެންވަރުގައި ހުރިހާ އޭރިއާ ކޮމާންޑެއްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި ކަމަށެވެ.

ރައީީސް މުޢިއްޒުއާއި ނައިބު ރައީީސް އިއްޔެ ވަނީ، މާލޭގައި ފެން ވަނުމުގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް ޒިޔާރަތް ކުރައްވައި، ޙާލު ބައްލަވައިފައެވެ.