ހުޅުލެއަށް ފާއިތުވި 24 ގަޑިއިރުތެރޭގައި، 179.7 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓުން ބުނީ، އެ މިންވަރަށް ހުޅުލެއަށް ވާރޭ ވެހިފައި ވަނީ އިއްޔެ ހެނދުނު 8:00 އިން ފެށިގެން، މިއަދު ހެނދުނު 8:00އާއި ހަމައަށް ކަމަށެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، މާލެއަށް 118.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ބ.ގޮއިދޫއަށް 105.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން މިއަދު ހާމަކުރި މަޢުލޫމާތުން އެނގެއެވެ.
Hulhule experienced an all-time high rainfall of 179.7mm in the past 24 hours. pic.twitter.com/GTQfgyCk1u
— Maldives Meteorology (@MetMaldives) January 1, 2024
ބޯކޮށް ވާރޭ ވެހި، އިއްޔެ މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވިއެވެ. މާލޭގައި އެކަނިވެސް 90 އަށް ވުރެ ގިނަ ގެއަށް ފެން ވަދެ، ވަރަށް ބޮޑަށް ގެއްލުންވިއެވެ.
އިއްޔެއަށްވުރެ، މިއަދުގެ މޫސުން ރަނގަޅު ކަމުގައި ވިޔަސް، މިއަދު ވެސް ބައެއް ހިސާބުތަކަށް ހުދު އެލާޓް ވަނީ ނެރެފައެވެ. ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މިއަދު ހުދު އެލާޓް ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާ ހަމައަށް، މެންދުރު 1:00އަށެވެ.
މެޓުން ބުނީ، އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
