ވައިގެ މަގުން ރާއްޖެއަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދިވެހި ދެމަފިރިން ހައްޔަރުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި އުމުރުން 20 އަހަރުގެ އަންހެނެކެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ކޯޓު އަމުރުގައިވަނީ، އެ ދެ މީހުން ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އެ މީހުން ވައިގެ މަގުން ރާއްޖެއަށް އައިއިރު ގެނައި ލަގެޖް ފޮށިން ތަފާތު ބާވަތްތަކުގެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވެއެވެ.
އަދި ލަގެޖުން އެ ދެ މީހުންގެ އަންނައުނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ދެ މީހުންގެ ކުޑަކަމުދާ ތަކެތި ވަގުތީ ނަތީޖާ ސީއޯސީ، ޓީއެޗްސީ، އަދި ބެންޒޯ އަށް ޕޮސިޓިވްކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ސީންގެ ފުލުހުންގެ ބަޔާން ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ.
