ސިޓީ ވަޤުފާއި އަތޮޅު ވަޤުފު އިފްތިތާޙްކޮށްފިއެވެ.
ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތުގައި މި މަޝްރޫޢު ހިންގާނެ ގޮތުގެ ތަފްސީލު ވެސް ވަނީ ހިއްސާ ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ އެ މިނިސްޓްރީގެ ދަށުން ކުރެވޭ ކަންކަން ހަގީގަތަކަށް ހެދުމަށް އެހެން ވުޒާރާތަކާއި ގުޅިގެން އަބަދު ވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން މެނިފެސްޓޯގައި ހުރި ކަންކަން ހާސިލު ކުރުމަށް ވަޒީރު އާދަމް ޝަރީފް ދެއްވާ ލަފާ ބަލައިގަނެ، ބަހައްޓަވާ ގާތްކަން ފާހަގަކޮށް ވަނީ ޝުކުރު ދަންނަވާފައެވެ.
މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
