ވިއްސާރަވުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެ ގެއްލުންވާ ގެތަކުގެ މަޢުލޫމާތު އެއްކުރުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ސާވޭއެއް ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި، މިއީ މާލޭގައި ފެން ބޮޑުވާ ގޭތަކުގެ މަޢުލޫމާތު އެއްކުރުމާއި އެ ގޭތަކުގެ ލޮކޭޝަންތައް މެޕްކުރުމާއި އަދި ފެން ބޮޑުވެގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ އެޅިދާނެ ފިޔަވަޅުތައް ހިއްސާކުރުމުގެ ބޭނުގައި ކުރިއަށްދާ ސާވޭ އެކެވެ.

މި ސާވޭގައި މިދިޔަ ޑިސެންބަރު 31 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ ގެއްލުން ލިބުނު ގެތަކަށް ޒިޔާރާތްކޮށް މަޢުލޫމާތު އެއްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަހުގެ އެއް ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި 70 ގޭބީސީއަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

އެ ވިއްސާރައިގައި މާލޭގެ 34 ގެއެއްގެ އޮނިގަނޑަށް ގެއްލުން ވެފައިވާއިރު ގޭގައި ބޭނުން ކުރާ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެގެން 65 ގެއަކުން ވަނީ ރިޕޯޓު ކޮށްފައެވެ.