ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސެއިން މުޙައްމަދު ލަތީފް، މޮންޓެނިގްރޯއަށް ކުރި ރަސްމީ ދަތުރުފުޅަށް 589،736 ރުފިޔާ ޚަރަދުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

މި ދަތުރުފުޅު ކުރައްވައިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 23 އިން 27 ގެ ނިޔަލަށެވެ.

ރައީސް އޮފީހުން އާއްމުކުރައްވާފައިވާ ޚަރަދު ތަފްސީލުގައިވާގޮތުން ބިޒްނަސް ކްލާހުގެ 5 ޓިކެޓަށް 492،746.10 ރުފިޔާ އަދި އެބޭފުޅުންގެ ޕޮކެޓް މަނީގެ ގޮތުގައި 64،638 ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

އަދި މޮންޓިނީގްރޯގައި ކެއުމުގެ ކަންކަމަށް 23،823.72 އަދި އިސްތަންބޫލުގައި ކެއުމަށް 7895.07 ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް ރަސްމީ ދަތުރެއްކުރެއްވީ ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް އެލެކްސާ ބެޗިޗްގެ ދަޢުވަތަކަށް އެ ޤައުމުގައި ބޭއްވި ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް ގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ޤައުމުގެ މިސްރާބު ބައްޓަންކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ގޮވާލައްވާފައެވެ.